ތެހެރާން (އޮކްޓޫބަރު 4) – ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ، އެޓީމަށް ކުޅެދިން ފަސްވަނަ މެޗުގައި އެޓީމަށް ފުރަތަމަ ގޯލު ޖަހައިދީފި އެވެ.
ނޭމާ ގޯލު ޖެހީ އޭއެފްސީ ޗެމްޕިއަންސް ލީގުގައި ހިލާލުން ރޭ އިރާނުގެ ނައްސާޖީ މަޒަންދަރަންއާ ވާދަކޮށް 3-0 އިންނެވެ.
ހިލާލުން މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ 18 ވަނަ މިނިޓުގައި އަލެކްސެންޑަ މިޓްރޮވިޗް ގޯލަށް ފޮނުވާލި ބޯޅައިންނެވެ. އޭގެ ފަހުން މިޓްރޮވިޗާއި އިރާން ޓީމު ކުޅުންތެރިއަކާ ދަނޑުމަތީ ދިމާވި މައްސަލައަކާ ގުޅިގެން ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި ދެ ޓީމުގެ ކުޅުންތެރިއަކަށް ވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
ދެ ޓީމުން ވެސް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދަނިކޮށް ނޭމާ ގޯލު ޖެހީ ދެވަނަ ހާފުގައި މެޗުގެ 58 ވަނަ މިނިޓުގަ އެވެ. މިއީ 98.1 މިލިއަން ޑޮލަރަށް ޕީއެސްޖީން ހިލާލަށް ބަދަލުވެ ނޭމާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
ހިލާލުގެ ތިންވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ސާލިހް އަލް ޝެހްރީ އެވެ.
މި ނަތީޖާއާ އެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ހިލާލް އޮތީ ގުރޫޕްގެ އެއްވަނައިގަ އެވެ. ފުރަތަމަ މެޗުގައި 1-1 އިން ހިލާލާ އެއްވަރުކުރި އުޒްބަކިސްތާނުގެ ނަވްބަހޯ އަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ހިލާލް އެއްވަނައިގައި އޮތީ އެސޯސިއޭޝަން ރޭންކިންގައި އުޒްބަކިސްތާނަށްވުރެ ސައުދީ ކުރީގައި އޮތީމަ އެވެ.
ހިލާލް އަތުން ބަލިވި ނައްސާޖީ ކުޅުނު ދެ މެޗުން އެޓީމަށް ލިބިފައި ވަނީ ފުރަތަމަ މެޗުގައި އިންޑިއާގެ މުމްބާއީ ސިޓީ ބަލިކޮށްގެން ހޯދި ތިން ޕޮއިންޓެވެ. މުމްބާއީ ސިޓީ ވަނީ ރޭ ނަވްބަހޯ އަތުން ވެސް ބަލިވެފަ އެވެ.
ގުރޫޕް ސްޓޭޖުގައި ހިލާލުން ދެން ނުކުންނާނީ އަމިއްލަ ދަނޑުގައި މުމްބާއީ ސިޓީއާ ދެކޮޅަށް މި މަހުގެ 23 ގައެވެ. އޭގެ ދެ ހަފްތާ ފަހުން ހިލާލުން މުމްބާއީ ސިޓީއާ ކުޅެން މުމްބާއީ އަށް ދަތުރު ކުރާނެ އެވެ.