ދިވެހިންގެ ގޯތި ގެދޮރުގައި ހައްދައި އުޅޭ މޭވާގެ ތެރޭން ފޭރަކީ ވަރަށް ފާހަގަ ކޮށްލެވޭ މޭވާ އެކެވެ. ރާއްޖެއެކޭ އެއްފަދައިން ދުނިޔޭގެ ގިނަ ސަރަހައްދުތަކެއްގައި ފަސޭހަކަމާއެކު ހެދޭ މޭވާގެ ބާވަތެކެވެ. މެދުތެރޭ އެމެރިކާ އާއި އުތުރު އެމެރިކާގަ އެވެ. ކެރީބިއަން ސަރަހައްދާއި އޭޝިޔާ ބައްރުގެ އެކި ކަންކޮޅުތަކުގަ އެވެ.
ޢިލްމީ ގޮތުން ބަލާއިރު ފޭރު ހިމެނިގެން ވަނީ myrtle family (ގަސްގަނޑުގައި އާރުލާ، ކޯނި ކޯންޏަށް މާ ގަންނަ ގަސްގަހާގެހީގެ ގިންތި)ގަ އެވެ. ފޭރު އާއިލާ ގައި 100 އަށްވުރެ ގިނަ ތަފާތު ބާވަތް ހިމެނެ އެވެ. ތަފާތު ނަންނަމާ އެކީގަ އެވެ. “އާފަލު ފޭރު، (Apple guava) އެވެ. “އިސްޓޯބަރީ ފޭރު“ (strawberry guava) އެވެ. އަދި ވެސް މި ފަދަ އެތައް ނަމެކެވެ. ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ބާވަތް ތަފާތުވުމުން، އޭގެ ރަހައާއި، ލިބިދޭ ހަކަތައިގެ މިންވަރާއި ނިސްބަތް ވެސް ތަފާތުވެގެންވާކަމެވެ.
ދުނިޔޭގެ އެކި ބަސްބަހުގައި ފޭރަށް ކިޔާ ތަފާތު ނަންތައް ހުރެއެވެ. މީގެ ތެރޭން ދިވެހިން ކިޔާ ނަމާ އެންމެ ގާތްކުރާ ނަންނަން ހުރީ އަވަށްޓެރި ބައެއް ގައުމުތަކުގެ ބަސްބަހުގަ އެވެ. ދުރު ހިސާބުތަކަށް ބަލާއިރު، އިސްޕޭނު ބަހުން ފޭރަށް ކިޔަނީ “ގޮޔާބާ“ (guayaba) އެވެ. ޕޯޗުގީޒުބަހުން “ގޮއިއާބާ“ (goiaba )އެވެ. ފަރަންސޭސި ބަހުން “ގޮޔާވޭ“(goyave )އެވެ. އަދި ޖަޕާނު ބަހުން ކިޔަނީ “ގުއާބާ“ (guaba )އެވެ. މިނަންނަމުގެ އަޑުތައް ބޮޑަށް ތިމާގެ ވަނީ އިނގިރޭސި ބަހުން ކިޔާ “ގޯވާ“ މި ލަފުޒާ، އެހެން ނޫންތޯ އެވެ. ނަމަވެސް އަވަށްޓެރި ބައެއް ގައުމުތަކުގައި ބޭނުން ކޮށް އުޅޭ ނަންނަމަށް ބަލާއިރު، ބަންގާޅު ބަހުން ކިޔަނީ ޕެއާރާ (pearah )އެވެ. ސިންގަޅަ، މަލިޔާޅަމް، ސުވާހިލީ މި ބަސްބަހުން ކިޔަނީ ޕޭރަ(. Pera) އެވެ. ހަމަ އެހެންމެ މަރާޓީ ބަހުން ކިޔަނީ ޕޭރު (peru ) އެވެ. އެހެންކަމުން އަވަށްޓެރި އިންޑިޔާގައި މޮށެއުޅޭ ބަހެއްކަމުގައިވާ މަރާޓީ ބަހުން ފޭރަށް ކިޔާ ނަމާއި، ދިވެހިން އެ މޭވާ އަށް ކިޔާ ނަމާ ވަރަށް ބޮޑު ގާތްކަމެއް ހުރިކަން ފާހަގަ ކޮށްލެވެ އެވެ.
ޞިއްޙީގޮތުން ބަލާއިރު، ފޭރަކީ ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާތަކެއް އެކުލެވިގެންވާ މޭވާ އެކެވެ. އޭގެ ތެރެއިން އެއް މާއްދާ އަކީ ކެލްސިއަމެވެ. 165 ގުރާމުގެ ފޭރެއްގައި 50 މިލިގްރާމު ކެލްސިއަމް ހިމެނެ އެވެ. އާއްމުކޮށް އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަ ފަދައިން، ކެލްސިއަމް ކޮށްދޭ ކަމަކީ ހަމަ އެކަނީ ހަށިގަނޑުގެ ކަށިތައް ވަރުގަދަ ކޮށްދިނުމެއް ނޫނެވެ. އޭގެ އިތުރަށް ހިތުގެ ހިނގުމާއި ވިންދުޖެހުން އޭގެ ހެޔޮ މިނުގައި ބަހައްޓައިދިނުމުގައި ވެސް ކެލްސިއަމް މުހިންމު ދައުރެއް އަދާކުރެ އެވެ. ހަށިގަނޑުގެ ހޯމޯންތައް އެކަށޭ ވަޒަނުގައި ދެމެހެއްޓުމާއި، ނާރުތަކުގެ ލޭހިނގުން ފަހި ކުރުމާއި، މަސްތަކުގެ ބާރު ހެޔޮކުރުމަކީ ވެސް ކެލްސިއަމްގެ އެހީތެރިކަމާ ގުޅިފައިވާ ކަންކަމެވެ. ޚާއްޞަ ކޮށް އަންހެނާ އުމުރުން ދުވަސްވެ ދަރިމައި ނުވާ އުމުރަށް ދިޔުމުން ކަށިތައް ބަލިކަށިވެ ހީނަރުވެ އެވެ. ފީވެ ރެނދުލަ އެވެ. ބައެއް ފަހަރަށް ވަރަށް ފަސޭހައިން ބިންދައިގެން ދެ އެވެ. މި ފަދަ ކަންކަން މެދުވެރިވިޔަ ނުދިނުމުގައި ކެލްސިއަމްގެ ބޭނުންތެރިކަން ވަރަށްބޮޑެވެ. މި ތާނގައި ފާހަގަ ކޮށްލަންޖެހޭ މުހިންމު އަނެއް ކަމަކީ، ކޮފީއާއި، ދުންފަތާއި، ސޮޑަޔާއި ބަނގުގެ ބާވަތްތައް ބޭނުންކުރާ ނަމަ، އެ ކަމުގެ ސަބަބުން އެ ފަދަ އިސްތިޢުމާލުތައް ކުރާ މީހުންގެ ހަށިގަނޑުގައި ހުންނަ ކެލްސިއަމްގެ ޞިއްޙީ ދައުރަށް ހުރަސް އެޅޭކަމެވެ. އެހެންވުމުން އެ ފަދަ މީހުން ކެލްސިއަމް އެކުލެވޭ ބާވަތްތައް ބޭނުން ކުރިކަމުގައި ވިޔަސް އެއިން ލިބެންޖެހޭ ޞިއްޙީ ފައިދާ ހަށިގަނޑަށް ލިބޭނީ ވަރަށް ކުޑަ، ހަނިދާއިރާއެއްގަ އެވެ. މި ސަބަބަށްޓަކައި ދިރިއުޅުމުގެ ރަނގަޅު އާދަކާދަތަކަށް ތަރުޙީބު ދިނުމާއެކު، ފޭރުން ލިބިދޭ ކެލްސިއަމްގެ ޞިއްޙީ ފައިދާއާ މެދު ސަމާލުވުން މުހިންމެވެ.
ފޭރުގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި ފޮސްފަރެސް ހިމެނެ އެވެ. 168 ގުރާމުގެ ފޭރެއްގައި 48 މިލިގްރާމަކީ ފޮސްފަރަސް އެވެ. މި މާއްދާ އަކީ ހަށިގަނޑުގައި ކެލްސިއަމް އަދާކުރާ ދައުރާ ދާދި އެއްކަހަލަ ދައުރެއް އަދާ ކުރާ މާއްދާ އެކެވެ. ހަށިގަނޑުގައި ހިމެނޭ ފޮސްފަރަސްގެ ގާތްގަނޑަކަށް 85% ހިމެނެނީ ކަށީގައާއި ދަތްތަކުގަ އެވެ. ހުންނަންވާ ނިސްބަތަށްވުރެ މި މާއްދާ ހަށިގަނޑުގައި ދަށްވެއްޖެ ނަމަ، ކަށިތައް ބަލިވެ ހީނަރުވާނެ އެވެ. ދަތްތަކުގެ ބާރު ދެރަ ވާނެ އެވެ. މީގެ އިތުރުން ވަރުބަލިވުމާއި ކާހިތްނުވުމާއި ބަރުދަންލުއިވެ އަނަރޫފަވުން ފަދަ މައްސަލަތައް ކުރިމަތިވާނެ އެވެ. ފޮސްފަރަސްގެ އެއްމެ ޚާއްޞަ ވަޒީފާ އަކީ، ކިޑުނީގެ މަސައްކަތުގައި އެހީތެރިވުމެވެ. މިގޮތުން ކާނާގެ ގޮތުގައި ހަށިގަނޑަށް އެތެރެ ކުރާބައިން “ކުނީގެ ގޮތުގައި“ ބޭރުކޮށްލާބައި ރަނގަޅަށް ވަކިކޮށް ފިލްޓަރުކޮށްދިނުމަކީ ފޮސްފަރެސް އަދާ ކުރާ މުހިންމު ދައުރެކެވެ.
ފޭރުގައި ހިމެނޭ މުހިންމު އަނެއް ބާވަތަކީ ކާބޯހައިޑްރޭޓްސް އެވެ. އިސްވެ ދެންނެވުނު ބުރަދަނުގެ ފޭރެއްގައި 19.6 މިލިގްރާމު ކާބޯހައިޑްރޭޓްސް ހުރެ އެވެ. މި މާއްދާ އަކީ ހަށިގަނޑަށް ބޭނުންވާ ހުރިހައި ހަކަތައެއްގެ މައިގަނޑު އަސްލެވެ. އިންސާނީ ހަށިގަނޑަކީ އެތައް ބިލިޔަން ހަތައިތަކަކުން (cells) އެކުލެވިގެންވާ ބިނާއެއްކަމުގައި ވާއިރު، އެއިން ކޮންމެ ހަތައެއް އޭގެ ޒާތުގައި ބިނާވެ ޙަރަކާތްތެރިވުމަށް ބޭނުންވާ ބާރާއި ހަކަތަ ލިއްބައިދެނީ ކާބޯހައިޑްރޭޓުސް އިންނެވެ. ތިޔައީ ކިޔަވާ ކުއްޖެއް ނަމަ ފިލަވާލު ދަސްކުރާ ވަގުތު ހަނދާނަށް ގެންނާށެވެ. އެކައުންޓެންޓެއް ނަމަ، ހިސާބުތައް އެކުލަވައިލާ ވަގުތު ޚިޔާލަށް ގެންނަވާށެވެ. ބައެއް ފަހަރަށް ނިކަން އަވަހަށް ސިކުނޑި ވަރުބަލިވެ، ބަނޑުހައިވެއްޖެ ކަމުގެ އިޙްސާސް ކުރެވޭ ގޮތްވޭ، އެހެން ނޫންތޯ އެވެ. މިހެން މިވަނީ ސިކުނޑިއަށް ބޭނުންވާ ގުލްކޯޒު ދަށްވުމުގެ ސަބަބުންނެވެ. ގުލްކޯޒަކީ ސީދާގޮތުގައި ކާބޯހައިޑްރޭޓްސްއިން ރައްދުކޮށްދޭ ހަކަތަ އެކެވެ.
ފޭރުގައި ހިމެނޭ 8.9 މިލިގްރާމަކީ ފައިބަރެވެ. ޞިއްޙީ ދާއިރާގެ ދިރާސާތައް ބުނާ ގޮތުން ފައިބަރުގެ ސަބަބުން އިންސާނާގެ ހަޖަމުގެ ނިޒާމު ރަނގަޅުކޮށްދެ އެވެ. ހަޖަމުކުރުމުގައި ދިމާވާ މައްސަލަތަކާއި، ބޮޑުކަމު، ދިޔުމުގައި ކުރިމަތިވާ ބައެއް ކަހަލަ ދަތިތައް ދިމާވުމުގައި އެދެވޭ މިންވަރަށް ފައިބަރު ހަށިގަނޑަށް ލިބިފައިނެތުން ހިމެނެ އެވެ. އެހެންކަމުން އެދެވޭ މިންވަރަށް ފައިބަރު ލިބިގަތުމަށްޓަކައި ފޭރުގެ ބޭނުން ކުރެވިދާނެ އެވެ. ހިތުގެ ބަލިތަކާއި ސަރުބީ އިތުރުވެ ނާރުތައް ބެދުމާއި، ލޭ މައްޗަށް ދިޔުންފަދަ ޞިއްޙީ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްޓަކައި ވެސް ފޭރު ބޭނުން ކުރުމަކީ މުހިންމު ކަމެއްކަމަށް ދީރާސާތަކުން އެނގިފައިވެ އެވެ.
ފޭރުގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިދާ ހުރި އަނެއް މާއްދާ އަކީ، ނިއަސިން (Niacin) އެވެ. ނިއަސިންއަކީ ވިޓަމިން ބީ ގެ ބާވަތެކެވެ. މިއީ ދުވަހުން ދުވަހަށް ހަށިގަނޑަށް ބޭނުންވާ މާއްދާއެކެވެ. ސަބަބަކީ މިއީ އެހެނިހެން ބައެއް މާއްދާތައް ފަދައިން ހަށިގަނޑަށް އެތެރެވާ މުޅި ނިސްބަތް ހަށިގަނޑުގައި ޖަމާވެ ރައްކާކުރެވޭ މައްދާ އެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ އެތެރެވާ މުޅި ނިސްބަތުން އެހިނދަށް ހަށިގަނޑަށް ބޭނުންވާބައި ގުނަންތަކަށް ބަހައިލުމަށްފަހު، ދެން ހުރި ބާކީ، ކުޑަމުދާއެއްޗިއްސާ އެކު ބޭރުވެގެންދާ މާއްދާ އެކެވެ. 165ގްރާމުގެ ފޭރެއްގައި 2 މިލިގްރާމުގެ ނިއަސިން ހިމެނެ އެވެ. އެހެންކަމުން ކޮންމެ ދުވަހަކު ފޭރެއް ކެއުމުގެ އާދަ އަށް އިސްކަން ދެމާތޯ އެވެ. ނިއަސިންގެ ސަބަބުން ލުއިކަން ލިބޭ ޞިއްޙީ މައްސަލަތައް ގިނަގުނަ އެވެ. ހުޅުހުޅުގައި ރިއްސުމާއި، ހަމުގެ ބައެއް ބަލިތަކެވެ. ހިތުގެ ބަލިތަކާއި، ކޮލެސްޓްރޯލު އިތުރުވުން ފަދަ މައްސަލަތަކެވެ. މީގެ އިތުރަށް ގޮހޮރުގެ މައްސަލަތަކަށް ވެސް މި މާއްދާ އަކީ ވަރަށް ބޮޑު ފަރުވާ އެކެވެ.
އަޅުގަނޑުމެންގެ ހަށިގަނޑަކީ އިންސާނީ ހަމަލޮށް ނުފެންނަ، އާންމު ވިސްނުމަށް އިޙްސާސް ނުކުރެވޭ އެތައް ހާސް ހަރަކާތްތަކެއް ހިނގާ ޤުދުރަތީ ކާރުޚާނާ އެކެވެ. އެހެންކަމުން ރެޔާ ދުވާލު އެތައް މަރާމާތުތަކެއް ހަށިގަނޑުތެރޭގައި ހިނގަ އެވެ. އެތައް ރޫޅުމެއް އެތައް ބިނާވުމެއް ތަކުރާރުވެ އެވެ. ހަށިގަނޑު ހެދި ބޮޑުވެ ބިނާވުމުގައި އެންމެ އިސްދައުރެއް އަދާ ކުރާ އެއް މާއްދާ އަކީ ޕްރޮޓީންނެވެ. އިސްވެ ދަންނަވައިލެވުނު ބުރަދަން ހިމެނޭ ފޭރެއްގައި 1.35 މިލިގްރާމު ޕްރޮޓީން ހިމެނޭތީ، ރަނގަޅުގޮތުގައި ހެދިބޮޑުވެ ހަށިގަނޑު ބިނާވެގެން ދިޔުމަށްޓަކައި ފޭރު ގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިދޭނެ އެވެ.
ވިޓަމިން A އަކީ ވެސް ގިނަ އަދަދަކަށް ފޭރުގައި ހިމެނޭ މާއްދާ އެކެވެ. 165ގުރާމުގެ ފޭރެއްގައ ނިސްބަތުން 412 IU ހިމެނެ އެވެ. ވިޓަމިން Aގެ ފައިދާތަކުގެ ތެރޭގައި ހަމަށް ލިބިދޭ ރައްކާތެރިކަމާއި ހަށިގަނޑުގައި ޠަބީޢީ ގޮތުން ހިނގާ ހަމުގެ މަރާމާތުތަކުގައި އެހީތެރިކަން ލިބުން ހިމެނެ އެވެ. މީގެ އިތުރަށް ކަށީގެ ނިޒާމަށް އެހީތެރިކަން ދެއެވެ. ހަށިގަނޑުގެ އެތެރޭގެ ޓިޝޫތައް މަރާމާތުކޮށްދެ އެވެ. ލޮލުގެ ފެނުމުގެ ޤާބިލުކަން އިތުރުކޮށްދެ އެވެ. މީގެ އިތުރަށް ފިރިހެނުންގެ “މަނަވީ ފެން“ އުފެދުން އިތުރުކޮށްދިނުމާއި އަންހެނުންގެ ދަރިމައިވުމުގެ ބުރު ދުޅަހެޔޮކަންމަތީ ބަދަލުވެގެން ދިޔުމަށް އެހީތެރިވެ ދެ އެވެ. ހަމަ އެހެންމެ ދަރިފުޅަށް ބޭނުންވާ ބުއް އުފެދުން އިތުރުވެ ގާތުން ދިނުން ފަސޭހަވުމަށް މަގުފަހިކޮށްދެ އެވެ. ދިރާސާތައް ބުނާ ގޮތުން ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ ވިޓަމިން A އެކަށީގެންވާ މިންވަރަށް ހަށިގަނޑުގައި ނުހުންނަ މީހުންގެ ދިފާޢީ ބާރު ދަށްވާ ކަމެވެ. އެހެން ވުމުން ވައިރަސްގެ ސަބަބުން ފެތުރޭ ބަލިތަކާއި، ތަފާތު އިންފެކްޝަންތަކުގެ ސަބަބުން ޖެހޭ ބަލިތައް ގާތްގާތުގައި ޖެހެ އެވެ.
ފޭރުން ލިބޭ އަނެއް މާއްދާ އަކީ ވިޓަމިން ބީ އެވެ. އިސްވެ ދަންނަވާ ލެވުނު ވަރުގެ ފޭރެއްގައި 1.15 މިލިގްރާމު ވިޓަމިން ބީ ހިމެނޭނެ އެވެ. ހަށިގަނޑުގައި ވިޓަމިން ބީ އަދާ ކުރާ ދައުރަށްބަލާއިރު ހަތާތަކުގެ ތެރޭގައި ހިނގާ އަމަލީ ޙަރަކާތްތައް ހިންގުމުގައި އެހީތެރިވެދިނުން ހިމެނެ އެވެ. އޭގެ ތެރޭގައި ޙާލަތާގުޅިގެން ހަތަޔަށް އަންނަ ރޫޅުންތަކާއި ބިނާވުންތަކާއި މަރާމާތުތަކާއި އަދި މި ކަންކަމުގެ އަވަސް ލަސްމިނުގައި ބައިވެރިވުން ހިމެނެ އެވެ. ހަމަ އެހެންމެ ވިޓަމިން ބީ. ގައިގެ ހަމާއި އިސްތަށިތައް އާރޯކޮށްދެ އެވެ. ތާޒާކޮށްދެ އެވެ. ނާރުތަކާގުޅޭ ނިޒާމާއި، ދިފާޢީ ނިޒާމު ހަރުދަނާކޮށް ބަލަހައްޓައިދެ އެވެ.
ވިޓަމިން Cގެ ވެސް 489މިލިގްރާމު އިސްވެ ދަންނަވާލެވުނު ވަރުގެ ފޭރެއްގައި ހުރެ އެވެ. ހަށިގަނޑުގައި ވިޓަމިން C އަދާކުރާ ވަޒީފާ އަކީ، ހަށިގަނޑު އާކޮށް މަރާމާތު ކުރުމެވެ. ހަތާތަކުގެ އެންމެ ކަވި ރޫޅުންތަކަށް ދަންދެން އަލުން އިޢާދަކޮށް އާކޮށް ދިނުމެވެ. ހިރުގަނޑުން ލޭ އަންނަ ހާލަތުގައި އެކަން ހައްލުކޮށްދެ އެވެ. ރޯގާޖެހިގެން އަރުތެރޭން މަށައިގެންދާ ތަންތަން ދާދި އަވަހަށް ފަސޭހަކޮށްދެ އެވެ. ދިފާޢީނިޒާމު ވަރުގަދަ ކޮށްދެ އެވެ. ދިރާސާތައް ބުނާ ގޮތުގައި ވިޓަމިން C އަށް އިސްކަންދީގެން ކެއުމުގެ އާދަކާދަތައް އެކަށައަޅާ މުޖުތަމަޢުތަކުގައި ލޭމައްޗަށް ދިޔުމާއި ކެންސަރުބަލީގެ މައްސަލަތައް ވަރަށް ކުޑަ އެވެ.
މި ހިސާބަށް ލިޔުން ކުރިޔަށް ގެންދެވުނު އިރު ތިބާގެ ވަރަށްބޮޑު ސުވާލެއް އޮތުން އެކަށީގެންވެ އެވެ. އެއީ މިހުރިހައި ފައިދާތަކަކާ އެކީގައި ވެސް ފޭރުގައި ސަރުބީގެ މާއްދާ (fats) އެކުލެވިގެންވަނީ ކިހާ މިންވަރަކަށްތޯ އެވެ؟ ޖަވާބަކަށް އޮތީ ވަރަށް އުފާވާނެ ކަހަލަ ޖަވާބެކެވެ. ފޭރުގައި ހިމެނޭ ސަރުބީގެ ނިސްބަތް ވަރަށް ކުޑަ އެވެ. އާދެ! 0.9 ގުރާމެވެ. ކެލަރީ ގެ ނިސްބަތަކީ 84 އެކެވެ. މީގެ އިތުރަށް ދުޅަހެޔޮ ހަށިގަނޑަކަށް ވަރަށް މުހިންމު ދެ މާއްދާ ކަމުގައިވާ ދަގަނޑުގެ ބައި (iron) އާއި ފޮލިކް އެސިޑް (folic acid) ހިމެނެ އެވެ. ވީމާ، ހަށިގަނޑު ދުޅަހެޔޮ ކޮށް ބެހެއްޓުމަށްޓަކައި ފޭރަކީ ގިނައިގިނައިން ބޭނުން ކުރުން މުހިންމު މޭވާ އެކެވެ. ހަމަ އެހެންމެ ހަށިގަނޑުގެ މަސްތަކާއި ހަމާއި ރީތިކޮށް ނަލަކޮށް ބެހެއްޓުމަށްޓަކައި ވެސް ފޭރުގެ ބޭނުން ކުރައްވާށެވެ! ޒުވާންކަން ސޫރަވާ ދުޅަހެޔޮ ބުރުސޫރައެއްގައި ހުރުމުގެ އުންމީދުގައި ވެސް ފޭރު އެއީ ބޭނުން ކުރެއްވުން ވަރަށް މުހިންމު ޞިއްޙީގޮތުން ނުހަނު ފައިދާހުރި މީރު މޭވާ އެކެވެ.