އިސްލާމީ ފިޤުހުގައި އިންސާނާގެ ޝަޚުޞިއްޔަތު ކަނޑައެޅުމުގައި ޢަމަލުކުރެވޭ އުޞޫލުތައް، އެއް ގޮތެއްގައި ދިގު ޒަމާންތަކަކަށް ދެމިގެންގޮސްފިއެވެ. އޭގެ ސަބަބުން، އެ އުޞޫލުތަކަކީ ބަދަލުވުމެއްނުވާ ޘާބިތު ޤަވާޢިދުތަކެއްކަމަށް ބައެއް މީހުންނަށް، ގަބޫލުކުކުރެވިފައިވެއެވެ.
ނަމަވެސް ހަގީގަތުގައި، އެ އުޞޫލުތަކަކީ އެއީ، ވޭތުވެދިޔަ ޒަމާންތަކުގައި ލޮލަށް ފެނި އަތުން ހިފެން ހުރި ކަންކަމަށް ޢަމަލުކުރުމުގެ އަސާސްގެ މައްޗަށް އޭރުގެ އިލްމުވެރިން އެކަށައަޅުއްވާފައިވާ އުޞޫލުތަކެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެއީ، ޒަމާނުގެ ހާލަތާއި ވަސީލަތްތަކުގެ އަލީގައި ނައްޞުތައް ތަފްސީރުކުރުމެވެ. އަދި އިހުގެ ފިޤުހުވެރިން އެ ޒަމާނަކަށް ނިސްބަތްވާ ޒަމާނުގެ، ކެރިފޯރުންތެރިކަން ހުރި މިންވަރުން، ޙުކުމުތައް އެކަށައެޅުމެވެ. އެހެން ނޫން ނަމަ، އެ ބޭކަލުންގެ ވާހަކަތައް ވީހީ ޚިޔާލީ ފޮލާއަށެވެ.
މި ޒަމާނުގެ އަހުލުވެރިން، ކުރިމަތީގައިވާ ކަންކަމަށް ބަލަންވާނީ، (ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމުން ފައިދާ ލިބިގަންނަ ހާލު) އެމީހުންގެ އަމިއްލަ ލޯތަކުންނެވެ. މިއަދުގެ އަހުލުވެރިންނަށް ލިބިގެންވާ ގާބިލިއްޔަތުކަމުގެ އަލީގައެވެ. ފަހަރެއްގައިވެސް، އެހެން (ޒަމާނެއްގެ) ބައެއްގެ ލޯތަކާއި ގާބިލިއްޔަތުގެކަމުގެ އަލީގައެއް ނޫނެވެ. އިބްނު ޢާބިދީން ލިޔުއްވާފައިވެއެވެ. ”މުފްތީ، ފަތުވާ ދެއްވަންވާނީ، އޭނާގެ ޒަމާނުގެ އަހުލުވެރިންގެ ޢުރުފާ އެއްގޮތަށެވެ. އެ ފަތުވާ އޭނާގެ ކުރީގެ ޢިލްމުވެރިންގެ ފަތުވާއާ ޚިލާފުވީނަމަވެސްމެއެވެ.“
މި ނަޒަރުން ބަލާއިރު، ޑީއެންއޭގެ ސަބަބުން، ޝަޚުޞިއްޔަތު ނުވަތަ ކާކުކަން ކަނޑައެޅުމާ ގުޅޭ، ޝަރުޢީ ވަރަށް ގިނަ ޙުކުމްތަކަށް އަސަރުކޮށްފައިވެއެވެ. މި މަސައްކަތުގެ ބޭނުމަކީ، އިންސާނާގެ ޝަޚުޞިއްޔަތު ކަށަވަރުކުރުމާ ގުޅޭ ޝަރުޢީ މައްސަލަތަކަށް، ޑީއެންއޭގެ ހޯދުމުގެ ސަބަބުން ކުރާނެ އަސަރު ބަޔާންކުރުމެވެ.
ޑީއެންއޭގެ ޙުކުމް
އިސްލާމީ ޝަރުޢުގައި ޙުކުމް ބެހެނީ ދެ ބަޔަކަށެވެ. އެއީ ޙުކްމުއްތަކްލީފީއާއި ޙުކްމުލްވަޟުޢީއެވެ.
’ޙުކްމުއްތަކްލީފީ’އަކީ، ކަމެއްކުރުމަށް ނުވަތަ ކަމެއް ނުކުރުމަށް، ނުވަތަ ކަމެއް ކުރުމާއި ނުކުރުން ހަމަހަމަކަމަށް ޝާރިޢު (ﷲ ސުބުޙާނަހޫ ވަތަޢާލާ) އަންގަވާ އެންގެވުމެވެ.
’ޙުކްމުލްވަޟްޢީ’އަކީ، ކަމެއް އެހެންކަމެއްގެ ސަބަބެއްކަމުގައި ނުވަތަ ޝަރުޠެއްކަމުގައި ނުވަތަ މާނިޢެއް ކަމުގައި ލައްވާފައިވާކަން އަންގަވާ އެންގެވުމެވެ.
ޑީއެންއޭގެ ’ޙުކުމުއްތަކްލީފީ‘
މި ތަނުގައި ޑީއެންއޭގެ ’ތަކްލީފީ‘ ޙުކުމޭ ބުނެވޭ ބަހުގެ މުރާދަކީ، ޑީއެންއޭއާ ގުޅޭ ގޮތުން މުކައްލަފުންގެ ޢަމަލުތަކުގެ ޙުކުމެވެ. އެ ގޮތުން އޭގެ ޒާތުގައި ޑީއެންއޭގެ ޙުކުމަކީ ކޮބައިކަމާއި، މީހަކު ޑީއެންއޭ ޓެސްޓެއް ހެދުމުގެ ޙުކުމަކީ ކޮބައިކަމާއި، ޑީއެންއޭ ތަޙުލީލުކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވުމުގެ ޙުކުމަކީ ކޮބައިކަން ފަދަ ކަންތައްތަކެވެ. އެއީ ވާޖިބުކަމެއްތޯ ނުވަތަ ސުންނަތް ކަމެއްތޯ ނުވަތަ ޙަރާމް ކަމެއްތޯ ނުވަތަ ހުއްދަ ކަމެއްތޯ ދެނެގަތުމެވެ.
ޑީއެންއޭއަކީ ސައެންސުގެ އާ ހޯދުމެކެވެ. 1985 ވަނަ އަހަރުގެ ކުރީން ޑީއެންއޭއަކީ ވާ އެއްޗެއްކަމެއް އެނގިފައެއްނުވެއެވެ. މި އާ ހޯދުމާ ގުޅޭ ގޮތުން ދީނީ ޢިލްމުގެ އަހުލުވެރީންގެ ވާހަކަފުޅުތަކަށް ބަލައިލާ އިރު، މި އާ ހޯދުމާ ދެކޮޅަށް، ޙަރާމްކަމެއްގެ ގޮތުގައި ޑީއެންއޭ ސިފަކޮށްފައިވާތީ ފެންނާކަށް ނެތެވެ. އެއާ ޚިލާފަށް ބަހުސްތަކާއި ނަދުވާތަކުގައި، މި ބޮޑު ހޯދުމަށް މަރުޙަބާކިޔައިފައި ވެއެވެ. އޭގެ އިތުރަށް ޢާއްމު މީސްތަކުން ވެސް ޑީއެންއޭ ބަލައިގަނެފައި ވަނީ ހެޔޮ ގޮތުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމުގެ އާޔަތްތަކުގެ ތެރެއިން އާޔަތެއްގެ ގޮތުގައެވެ. ވުމާއެކު އޭގެ ޒާތުގައި ޑީއެންއޭގެ ޙުކުމަކީ ހުއްދަވެގެންވުންކަމާ މެދު ޚިލާފެއްނެތްކަމުގައި ދަންނަވާން ޖެހެއެވެ.
ނަމަވެސް، މުކައްލަފުންނާ ގުޅިފައިވާ ކޮންމެ ޢަމަލެއްގެ މައްޗަށް ވެސް، ޙުކްމުއްތަކްލީފީގެ ފަސް ޙުކުމް ހިނގާ ފަދައިން، ޑީއެންއޭގެ މައްޗަށް ވެސް އެ ފަސް ޙުކުމް ހިނގާ ޙާލަތްތައް ހުންނާނެއެވެ.
ޑީއެންއޭގެ ’ޙުކުމުލްވަޟުޢީ‘
އިސްލާމީ ޝަރީޢަތުގައި ޙުކުމުތައް ބެހޭ މައިގަނޑު ދެ ވައްތަރުގެ ތެރެއިން ’ޙުކްމުލްވަޟްޢީ’ގެ އުޞޫލުތަކަށް ނަޒަރު ހިންގާލުމުން، ޝަރުއީގޮތުން ޑީއެންއޭ ފެތޭ ދާއިރާ ކަނޑައެޅުމަށް ވަރަށް ބޮޑަށް ފަސޭހަ، ފުޅާ މަގެއް ތަނަވެސްވެގެންދެއެވެ.
(މި ނަޒަރުން ވިސްނާއިރު) އަޅުގަނޑަށް ފެންނަ ގޮތުގައި، ފިޤުހީ އުޞޫލީ ތަކްޔީފުގައި ޑީއެންއޭ ދައުރުވަނީ، ސަބަބާއި ޝަރުޠާއި މާނިޢުގެ ދާއިރާގެ ތެރޭގައެވެ. އެއީ ޑީއެންއޭއަކީ މީހާގެ ޝަޚުޞިއްޔަތު ކަށަވަރުކޮށްދޭ ޘާބިތު ހެއްކެއްކަން ޢިލްމީ ގޮތުން ޘާބިތުވެފައިވާތީއެވެ.
ޝަރުޢީ ނައްޞުތަކާއި ފިޤުހުވެރިންގެ ބަސްފުޅުތަކުގެ މައްޗަށް ތަޚްރީޖުކޮށް، ތިރީގައި މި ބަޔާންކުރަނީ، ޑީއެންއޭ، ޝަރުޢީ ޙުކުމުތައް މެދުވެރިވެރިކުރާ ޝަރުޢީ ސަބަބަކަށް ވާ ގޮތާއި، ޝަރުޢީ ޙުކުމުތައް ފުރިހަމަވުމަށް ކޮންމެހެން ބޭނުންވާ ޝަރުޢީ ޝަރުޠަކަށް ވާ ގޮތާއި، ޝަރުޢީ ޙުކުމުތައް މަނާކުރާ ޝަރުޢީ މާނިޢަކަށް ވާ ގޮތެވެ.
ޝަރުޢީ ސަބަބާއި ޑީއެންއޭ
އަޅުގަނޑުމެން ދަންނާނޭ ފަދައިން، ޝަރުޢީ ގޮތުން ސަބަބަކީ، އެކަމެއް ވެއްޖެނަމަ އެއާ ގުޅިފައިވާ ކަން ވުޖޫދުގައިވުން ލާޒިމުކުރާ އަދި އެކަމެއް ނެތް ނަމަ، އެއާ ގުޅިފައިވާ ކަމެއް ވުޖޫދުގައި ނުވުން ލާޒިމުކުރާ ކަންތައްތަކެވެ. (މިސާލަކަށް ނަމާދު ވަގުތު ވަދެއްޖެނަމަ ނަމާދު ކުރުން ވާޖިބުވުމެވެ. އަދި ނަމާދުގެ ވަގުތު ނުޖެހޭ ނަމަ، ނަމާދު ވާޖިބުނުވުމެވެ. މި ތަނުގައި ނަމާދު ވަގުތު ވަނުމަކީ، ނަމާދުކުރުން ވާޖިބުވުން މެދުވެރިކުރާ ސަބަބެވެ.)
ޑީއެންއޭއިން އިންސާނާގެ ހަގީގީ ޝަޚުޞިއްޔަތު ޘާބިތުކޮށްދެއެވެ. އަދި އޭގެ އިތުރަށް، އެމީހެއްގެ ފުށުން އުފަންވާ އަނެއް އިންސާނާގެ ޝަޚުޞިއްޔަތުވެސް އެއިން ޘާބިތުކޮށްދެއެވެ. ވުމާއެކު، (’މާނިޢު‘ އެއް ނުވާ ހާލަތުގައި) ޑީއެންއޭ ވެގެންދާނީ އިންސާނާގެ ޝަޚުޞިއްޔަތު ޘާބިތުވުމުގެ މައްޗަށް ތަރުތީބުވާ ޙުކުމުތައް މެދުވެރިކުރާ ސަބަބަކަށެވެ.
އިސްލާމީ ފިޤުހުގެ ފަރުޢީ މައްސަލަތަކަށް ނަޒަރު ހިންގާލާއިރު، އިސްލާމީ ފިޤުހުގެ އަގުހުރި ކަންޒުތައް އެކުލަވާލެއްވި އިހުގެ ފިޤުހުވެރިން، އިންސާނާގެ ޝަޚުޞިއްޔަތު ކަށަވަރުވުން އެއީ، އޭގެ މައްޗަށް ވަރަށް ގިނަ ޝަރުޢީ ޙުކުމުތައް ތަރުތީބުވާނެ ޝަރުޢީ ސަބަބެއްކަން ބަޔާންކުރައްވާފައިވެއެވެ. އެގޮތުން:
- ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި، ނަސަބާ މެދު ޚިލާފު އުފެދޭ ހާލަތުގައި، ’ޤާއިފް’ގެ ބަހުން ވައްތަރުކަން ސާބިތުވުމުން، ނަސަބުލެއްވެއެވެ. އަދި އޭގެ ސަބަބުން ތަރިކަމުދަލާއި ކައިވެނި ޙަރާމްވުން ފަދަ އެންމެހާ ޙުކުމުތައް އޭގެ މައްޗަށް ތަރައްތުބުވެއެވެ.
- އަނިބިމީހާގެ ޝަޚުޞިއްޔަތު ކަށަވަރުވެ، އެއީ ނަސަބުގެ ގޮތުން ނުވަތަ އެއްކިރުގެ ގޮތުން ތިމާގެ އުޚްތެއްކަން އެނގިއްޖެ ނަމަ، ދެ މީހުންގެ ކައިވެނި ރޫޅާލުން ވާޖިބުވެއެވެ.
- ގެއްލިފައިވާ މީހާ ފެނި އޭނާގެ ޝަޚުޞިއްޔަތު ކަށަވަރުވުމުން ތަރިކަ މުދަލުގެ ޙައްޤު ލިބިދެވި، ކުރިން އޭނާގެ އަތްނބެއްގެ ގޮތުގައި ހުރި މީހާ ރުޖޫޢަކުރުމުގެ ޙައްޤު ލިބިދެވެއެވެ.
ފިޤުހު ފޮތްތަކުގައި މިފަދަ އެތައް މިސާލެއް ހުރުމުން އެނގި ހާމަވެގެންދަނީ، އިންސާނާގެ ޝަޚުޞިއްޔަތު ޘާބިތުކުރުމަށް ފިޤުހުވެރިން އަހަންމިއްޔަތު ދެއްވާފައިވާ މިންވަރެވެ. އަދި، (’މާނިޢު’އެއް ނުވާ ހާލަތުގައި) ޝަރުޢީ ގިނަ ޙުކުމުތަކެއް މެދުވެރިކުރާނެ ސަބަބެއްކަމުގައި، އިންސާނާގެ ޝަޚުޞިއްޔަތު ޘާބިތުކުރެވުން ކަނޑައަޅުއްވާފައިވާކަމެވެ.
ވީއިރު، ޑީއެންއޭއިން އިންސާނާގެ ޝަޚުޞިއްޔަތު ޘާބިތުވުމުން، ނަސަބާ ގުޅޭ މައްސަލަތަކުގައި ގޮތް ނިންމާ ސަބަބަކަށާއި، މަޙުރަމަކާ ކުރެވިފައިވާ ކައިވެނި ރޫޅާލުން ވާޖިބުވާ ސަބަބަކަށާއި، ގެއްލިފައިވާ މީހާ އެނބުރި އައިސްފައިވާކަން ކަށަވަރުކޮށްދޭ ސަބަބަކަށް ޑީއެންއޭ ނުވާނެ ހެއްޔެވެ؟
ޑީއެންއޭއާއި ޝަރުޢީ ސަބަބުތައް
އުޞޫލީ ފިޤުހުގައި ޝަރުތަކީ، އެ ކަމެއްނުވާ ނަމަ، އެއާ ގުޅިފައިވާ ކަންތައް ވުޖޫދުގައި ނުވުން ލާޒިމުކުރާ، އަދި އެކަމެއް ވީ ނަމަވެސް އޭއާ ގުޅިފައިވާ ކަންތައް އޭގެ ޒާތުގައި ވުން އަދި ނުވުންވެސް ލާޒިމުނުކުރާ ކަންތައްތަކެވެ. (މިސާލަކަށް، ޤިބުލައަށް ކުރިމަތިނުލާ ނަމަ، ނަމާދެއް ނުވާނެއެވެ. އެބަހީ ނަމާދު ޞައްޙައެއް ނުވާނެއެވެ. އެހެން ނަމަވެސް، މީހަކު ޤިބުލައަށްކުރިމަތިލުމަކުން އޭގެ ޒާތުގައި ނަމާދު ޞައްޙަވީކަމަށް ނުވަތަ ނަމާދު ޞައްޙަނޫންކަމަށްވެސް ކަނޑައެއް ނޭޅޭނެއެވެ.) އަޅުގަނޑުމެންނަށް އެނގޭނޭ ފަދައިން، ޝަރުޢީ ސަބަބެއްގެ އަސަރު ބިނާވެފައިވަނީ ޝަރުތެއްގެ މައްޗަށްކަމަށް ވާ ނަމަ، އެ ޝަރުތާ ނުލައި، އެ ކަމެއް ޞައްޙައެއް ނުވާނެއެވެ.
ޑީއެންއޭއަކީ ޙީއްސީ ނުވަތަ މާއްދީ ދަލީލެކެވެ. ވުމާއެކު ޑީއެންއޭ ވާނީ (ކަންކަން ޘާބިތުކުރުމަށް ބޭނުންކުރެވޭ) ޡަންނީ ދަލީލުތައް ބަލައިގަތުމަށް ފުރިހަމަވާން ޖެހޭ ޝަރުޢީ ޝަރުތަކަށެވެ.
ފިޤުހުވެރިން ކަނޑައަޅުއްވާފައިވާ ގޮތުގައި، ޙީއްސީ ދަލީލަކާ ތަޢާރުޟުނުވުމަކީ، ޡަންނީ ދަލީލްތައް ބަލައިގަތުމަށް ފުރިހަމަވާން ޖެހޭނެ ޝަރުތެކެވެ. އެގޮތުން އިސްލާމީ ފިޤުހުގެ ފަރުޢުތަކަށް ބަލާލާއިރު، ޡަންނީ ދަލީލުތައް ބަލައިގަތުން އެހެން މާއްދީ ދަލީލެއްގެ މައްޗަށް ބަރޯސާކޮށްފައިވާ ވަރަށް ގިނަ މިސާލުތައް ފެންނަން އެބަހުއްޓެވެ. އެގޮތުން:
- ފިރާޝް’އަށް (ކައިވެންޏަށް) ނަސަބު ސާބިތުވާނެކަމަށް ފިޤުހުވެރިން އިޖުމާޢުވެލައްވައެވެ. އެހެންނަމަވެސް، ލޯ ކުރިމައްޗަށް ފެންނަށް ހުންނަ މާއްދީ ހަގީގަތްތަކާ ފުށުއަރާ ހާލަތުގައި، ޞައްޙަ ކައިވެންޏެއްގެ ދެމެދަށް އުފަންވާ ކުއްޖަކު ފިރިމީހާއަށް ނިސްބަތްނުކުރެވޭނެކަމަށް ފިޤުހުވެރިން ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން؛
- އަންހެން މީހާ ދަރިފުޅު ވިހެއީ ކައިވެންޏަށް ހަ މަހަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ނަމަ، އެ ދަރިފުޅު ފިރިމީހާއަށް ނިސްބަތްނުކުރެވޭނެކަމަށް ޢިލްމުވެރިން އިޖުމާޢުވެލައްވައެވެ.
މި ނުކުތާގައި އިބްނު ރުޝްދުލްމާލިކީ ލިޔުއްވާފައިވެއެވެ. ”ކައިވެނީގެ ޢަޤުދުކުރެވޭ ދުވަހުން ފެށިގެން، ނުވަތަ ދެމަފިރިން އެކަހެރިވާ ދުވަހުން ފެށިގެން، ކައިވެންޏަށް ހަ މަހަށް ވުރެ ކުރު މުއްދަތެއްގައި އުފަންވާ ކުއްޖާ ކައިވެންޏަށް ނިސްބަތް ނުކުރެވޭނެ ކަމަށް ފިޤުހުވެރިން އިއްތިފާޤުވެލައްވައެވެ.“
- ހަމަ މި މައުޟޫގައި އައްޝީރާޒީ އައްޝާފިޢީ ވިދާޅުވެފައިވެއެވެ. ”ފިރިމީހާގެ ކިބައިން ދަރިޔަކު އުފަންވާ ވަރަށް ވުރެ އޭނާ ކުޑަ ނަމަ، އޭނާގެ އަނބިމީހާ ވިހާ ދަރިފުޅު އޭނާއަކަށް ނިސްބަތެއް ނުކުރެވޭނެއެވެ. އަދި ލިޢާނުކުރުމަކާ ނުލައި އޭނާގެ ކިބައިން އެ ދަރި ނަފީކުރެވޭނެއެވެ.“
އަދިވެސް އިތުރަށް ބަޔާންކުރައްވާފައިވެއެވެ. ”ކައިވެނީގެ ޢަޤުދަށް ފަހު ވަގުތުން ވަރިކުރުމުގެ ސަބަބުން، ނުވަތަ ދެމަފިރިން ދެ ރަށެއްގައި ދުރުގައިވުމުގެ ސަބަބުން، ދެމަފިރިންނަށް އެއްތަން ނުވެވޭ ހާލަތުގައިވަނިކޮށް އަނބިމީހާ ވިހާ ކުއްޖާ، ލިޢާންކުރުމެއް ނެތި، ފިރިމީހާގެ ކިބައިން ނަފީވެގެންދާނެއެވެ. އެހެނީ އެ ދެމީހުންގެ ފުށުން ދަރިޔަކު އުފަންވުމަކީ ވާނޭ ކަމެއް ނޫނެވެ.“
- ހެކިބަހަކީ ޙައްދުތުކަކާއި ޙައްޤުތައް ސާބިތުކުރުމުގައި އެންމެ އަސާސީ އެއް ދަލީލެވެ. އެހެން ނަމަވެސް، މީހަކު ދޭ ހެކިބަސް ދޮގުކަމަށް ތުހުމަތުކުރެވޭ ހާލަތުގައްޔާއި ހެކިބަސްދެވޭ ކަމަކީ ލޯމައްޗަށް ފެންނަންހުރުމުގެ ސަބަބުން ހެކިބަހަށް ބޭނުން ނުވާކަމަކަށް ވާ ނަމަ، އެ ދެވޭ ހެކިބަސް ބަލައިނުގަނެވޭނެކަމަށް ފިޤުހުވެރިން ބަޔާންކުރައްވާފައިވެއެވެ. އެގޮތުން؛
ލޮލަށް ނުފެންނަ މީހާ، އޭނާއަށް އިވޭ ކަމަކާ ގުޅޭގޮތުން ދޭ ހެކިބަސްވެސް ބަލައެއް ނުގަނެވޭނެކަމަށް ޙަނަފީން ބަޔާންކުރައްވާފައިވެއެވެ. އެހެނީ ލޯފަން މީހާއަށް، ހަގީގަތުގައިވެސް އެކަން އެވަނީ އެހެންކަން ސާފެއްނުވާނެއެވެ.
އަދި ހަމަ އެހެންމެ ދެމަފިރިން އެކަކު އަނެއްކަކަށް ދޭ ހެކިބަހާއި ބަފައިންނާ ގުޅިފައިވާ ކަންކަމުގައި ދަރިން ދޭ ހެކިބަސް، ވަކި ފަރާތަކަށް ޖެހިދާނެކަމުގެ ތުހުމަތުގެ ސަބަބުން ބަލައެއް ނުގަނެވޭނެއެވެ.
މިއިން އެނގިގެންދާކަމަކީ، ކަމަކާ ގުޅޭގޮތުން މީހަކު ދޭ ހެކިބަސް ޝަރުޢީ އަދި ބުއްދީގެ ހަމަޔާ ޚިލާފުވެދާނެކަމަށް ތުހުމަތުކުރެވޭނަމަ، އެ ހެކިބަސް ބަލައިގަތުން ނުވާކަމެވެ.
- މީހަކު އަމިއްލަ ނަފްސަށްވާ އިޤުރާރު ބަލައިގަތުމުގައިވެސް ފިޤުހުވެރިން ޝަރުތުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން؛
އައްޝީރާޒީ ލިޔުއްވާފައިވެއެވެ. ”އެ މީހެއްގެ ފުށުން އެފަދަ ކުއްޖަކު އުފަންވުން އެކަށީގެންވާ، އަދި ނަސަބު ނޭނގޭ ކުއްޖެއްގެ ނަސަބަށް މީހަކު އަމިއްލައަށް އިޤުރާރުވެއްޖެ ނަމަ، އެ މީހަކަށް އެ ކުއްޖެއްގެ ނަސަބުލެއްވޭނެއެވެ“ މި ތަނުގައި އަމިއްލަ ނަފްސަށް ވާ އިގުރާރު ބަލައިގަތުމުގެ ޝަރުތެއްކަމުގައި ބުއްދީގެ ހަމަ ކަނޑައަޅުއްވާފައިވެއެވެ. އަދި އޭނާއާ އެއްއުމުރުގެ މީހެއްގެ ނަސަބަށް އިޤުރާރުވީ ނަމަވެސް އެކަން ބަލައިނުގަނެވޭނެކަމަށް ކަނޑައަޅުއްވާފައިވެއެވެ.
ޙާޝިޔަތުލް މުޤްނިޢުގައިވެއެވެ. ”އަންހެނުން ވިހެއުމުގެ މައްޗަށް ހެކިކުރުމަކީ ކުރެވޭނެ ކަމެއްކަމުން، ޢިލްމުގެ އަހުލުވެރިން އިއްތިފާޤުވެއްލައްވާ ގޮތުގައި މީހެއްގެ ނަސަބަށް އަންހެނަކު ކުރާ ދަޢުވާ (އިތުރު ހެއްކަކާ ނުލައި) ޘާބިތެއްނުކުރެވޭނެއެވެ.“
އިސްވެ މިދެންނެވި ނުކުތާތަކުން ސާފުވާކަމަކީ، ’ފިރާޝް‘ (ކައިވެނި) އާއި ހެކިންގެ ހެކިބަހާއި އަމިއްލަ އިޤުރާރު ބަލައިގަތުމަށް ޢިލްމުވެރިން ޝަރުތުތަކެއް ކަނޑައަޅުއްވާފައިވާކަމެވެ. އޭގެތެރެއިން އެންމެ މުހިންމު ޝަރުތަކީ، އެއިން ދަލީލަކާ ލޯމަށްޗަށް ފެންނަންހުންނަ ބުއްދީގެ ހަމަޔަކާ ތަޢާރުޟުނުވުމެވެ.
ޑީއެންއޭއަކީ ޢިލްމީ ޙަޤީގަތުން ޘާބިތުވާ ޙިއްސީ ނުވަތަ މާއްދީ ދަލީލެއްކަމުން، އެއާ އެހެން ދަލީލެއް ތަޢާރުޟުވެގެންނުވާނެކަމަށް އަޅުގަނޑު ދެކެމެވެ. ވުމާއެކު، މީހާގެ ޝަޚުޞިއްޔަތު ޘާބިތުކުރުމާ ގުޅޭ މައްސަލަތަކުގައި އަމަލުކުރެވޭ ޢާއްމު ދަލީލްތައްކަމަށްވާ ’ފިރާޝް‘ (ކައިވެނި) އާއި ހެކިބަހާއި އިޤުރާރު ޞައްޙަވުން އޭގެ މައްޗަށް ބިނާވެގެންވާ ޝަރުތަކަށް ޑީއެންއޭ ވާނެއެވެ.
ޑީއެންއޭގެ ޝަރުޢީ ’މާނިޢު‘
ޝަރުޢުގައި ’މާނިޢު’އަކީ އެ ކަމެއް ވުޖޫދުގައި ވެއްޖެ ނަމަ، އެއާ ގުޅިފައިވާ ކަންތައް ނުވުން ލާޒިމުކުރާ، އަދި އެ ކަމެއް ވުޖޫދުގައި ނުވި ނަމަވެސް، އެއާ ގުޅިފައިވާ ކަންތައް އޭގެ ޒާތުގައި ވުޖޫދުގައި ވުން އަދި ނުވުން ވެސް ލާޒިމުނުކުރާ ކަންތައްތަކެވެ. (މިސާލު ޙައިޟުގެ ސަބަބުން ނަމާދުކުރުން މަނާވާނެއެވެ. ނަމަވެސް ޙައިޟުގެ ހާލަތުން ޠާހިރުވުމަކުން އޭގެ ޒާތުގައި ނަމާދުކުރެވުނުކަމަކަށް އަދި ނަމާދުނުކުރާ ކަމަކަށްވެސްނުވާނެއެވެ.) މިއީ ޝަރުޠުގެ އިދިކޮޅެވެ.
ޑީއެންއޭއަކީ އިންސާނާގެ ޝަޚުޞިއްޔަތު ކަށަވަރުކޮށްދޭ ޙިއްސީ ދަލީލެއްކަމުން، ޡަންނީ ދަލީލްތައްކަމަށް ވާ ’ފިރާޝް‘ (ކައިވެނި) އާއި ހެކިބަހާއި އިޤުރާރާ ތަޢާރުޟުވާ ހާލަތުގައި، ޑީއެންވާނީ އެ ދަލީލުތައް ގަބޫލުކުރުން މަނާކުރާ ޝަރުޢީ ’މާނިޢު’އަކަށްކަމުގައި ދެކެމެވެ.
ޝަރުޢީ ޝަރުތުތަކުގެ ނުކުތާގައި، ޙިއްސީ އަދި ޢަޤްލީ ދަލީލުތަކަށް ފިޤުހުވުރިން އިޢުތިބާރުކޮށްފައިވާ މިންވަރު ބަޔާންކޮށްދޭ މިސާލުތައް އިސްވެ ބަޔާންވެ ހިނގައްޖެއެވެ.
’މާނިޢު’އަކީ ޝަރުތުގެ އިދިކޮޅުކަމުން މި ތަނުގައި އިތުރަށް އެ ވާހަކަތައް ބަޔާންކުރާކަށް ނެތީމެވެ. އެހެނީ، ޝަރުޢުގައި ކަމެއް ޞައްޙަވުމަށް ކޮންމެހެން ބޭނުންވާ ޝަރުތަކީ އޭގެ އަނެއްކޮޅުން ’މާނިޢު’އެކެވެ. މިސާލަކަށް މީހެއްގެ އިޤުރާރު ޞައްޙަވުމުގެ ޝަރުތަކީ އެ އިޤުރާރު ބުއްދީގެ ހަމައިން ގަބޫލުކުރެވުންކަމަށް ވާ ނަމަ، އެ އިޤުރާރު ބުއްދީގެ ހަމަޔާ ފުށުއަރާ ހާލަތުގައި އިޤުރާރު ބަލައިގަތުން މަނާވާނެއެވެ.
އޭގެ މިސާލެއްގެ ގޮތުން، ޙަނަފީންގެ އަރިހުގައި، މީހަކު ގެއްލުނު ފަހުން އޭނާގެ އުމުރުން ނުވަދިހަ އަހަރު ހަމަވެއްޖެނަމަ، މީހަކު އައިސް ގެއްލިފައިވާ މީހާކަމަށް އަމިއްލައަށް އިޤުރާރުވީ ނަމަވެސް އެ އިޤުރާރު ބަލައެއްނުގަނެވޭނެއެވެ. އަލްކަންޒުގައި ވެއެވެ. ”އެ ޢުމުރުގެ މީހަކު ދިރިހުރުން އެއީ (އެ ޒަމާނުގައި) ނާދިރުކަމެއް ކަމުން، އެކަމުގެ މައްޗަށް އިޢުތިބާރުކުރެވޭކަށް ނޯންނާނެއެވެ.“ މި މިސާލާ މެދު ވިސްނާލުމުން އެނގެނީ، މި ތަނުގައި މިވާ މާނިޢަކީ ޙިއްސީ އަދި ބުއްދީގެ ހަމައިން ވާ މާނިޢެއްކަމެވެ. އަދި ޝަރުޢީ މާނިޢެއް ނޫންކަމެވެ.
ޑީއެންއޭގެ ޝަރުޢީ އަސާސް
ޑީއެންއޭއަކީ އިންސާނާގެ ޝަޚުޞިއްޔަތު ސާބިތުކުރުމާ ގުޅޭ މައްސަލަތަކުގައި ޙިއްސީ އަދި ޢިލްމީ ދަލީލެއްކަމުން، އިސްވެ ބަޔާންކުރެވުނު ކަންކަމުން އެނގިގެންދަނީ، ޑީއެންއޭ ދައުރުވާނީ، ޝަރުޢީ ސަބަބާއި ޝަރުޢީ ޝަރުތާއި ޝަރުޢީ ’މާނިޢު’ގެ ދާއިރާގެ ތެރޭގައިކަމެވެ.
ޝަރުޢުގައި، ޙިއްސީ ދަލީލެއްގެ މައްޗަށް ޙުކުމު ތަރުތީބުކޮށްފައިވާނަމަ، ޑީއެންއޭ، އެ ފަދަ މައްސަލަތަކުގައި ސަބަބަކަށް ވާނެއެވެ. އަދި އެކަމެއް ބަލައިގަތުމުގެ ޝަރުތަކަށް، ޙިއްސީ އަދި ބުއްދީގެ ހަމަޔާ ޚިލާފުނުވުން ޝަރުޢީގޮތުން ޝަރުތުކޮށްފައިވާ ނަމަ، ޑީއެންއޭ އެ ފަދަ ކަންކަމުގައި ޝަރުޢީ ޝަރުތަކަށް ވާނެއެވެ.
އަދި ދަންނައެވެ! އަޅުގަނޑު ދެކޭ ގޮތުގައި ޑީއެންއޭއަށް ބުރަދަން ދިނުމުގެ ދާއިރާ މިއަށްވުރެވެސް ފުޅާވާން ޖެހެއެވެ. އެގޮތުން، ކައިވެންޏެއްގެ ދެމެދަށް އުފަންވާ ދަރިފުޅުގެ ޑީއެންއޭ ފިރިމީހާގެ ޑީއެންއޭއާ ދީމާނުވާ ނަމަ، ފިރިމީހާއަށް އެ ކުއްޖާގެ ނަސަބު ލެއްވިގެންނުވާނެއެވެ. އެހެން ނޫންނަމަ، ކައިވެންޏަށް ހަ މަސް ނުވެ އުފަންވާ ކުއްޖާއާއި، ދިގު މުއްދަތެއް ވަންދެން ދެމަފިރިން އެއްތަން ނުވެ ދުރުގައި ވަނިކޮށް އުފަންވާ ކުއްޖާގެ ނަސަބުވެސް ފިރިމީހާއަށް ސާބިތު ވާނެއެވެ. ނަމަވެސް މި ހާލަތްތަކުގައި ފިރިމީހާއަށް ނަސަބުލެއްވުން ބާޠިލުވާނެކަމަށް ޢިލްމުވެރިން އިޖުމާޢުވެލައްވާފައިވެއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި، މި ބުނުމުގައި ރަސޫލު ﷺ ގެ ބަސްފުޅު ”الولد للفراش“ (މާނައަކީ: ދަރި ލެއްވޭނީ ’ފިރާޝް’އަށެވެ) ތަފްސީރުކުރެވެނީ އޭގެ ހަގީގީ މާނައިގައެވެ. އެއީ ވޭދުވެދިޔަ ސާދަ ޤަރުނުގައި، އެ ބަސްފުޅު މަޖާޒީ މާނައިގައި ތަފްސީރުކުރެވިގެންދިޔުމަށް ފަހުއެވެ.
އެހެނީ، ފިޤުހުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ހަގީގީ ’ފިރާޝް’އަކީ (ޖިމާޢުވުމަކީ) އޭގެ ޒާތުގައި މީސްތަކުންގެ ލޯތަކަށް ފާޅުނުކުރުމުގެ މައްޗަށް ބިނާވެގެންވާ ޢަމަލެއްކަމުން، ކައިވެނީގެ ޢަޤުދު އޮތުން، ޙަޤީޤީ ’ފިރާޝް’އަށް (ދެމަފިރިން ޖިމާޢުވުމަށް) ދަލީލުކޮށްދޭ ދަލީލެއްކަމުގައި ބަލަނީއެވެ. އެފަދައިން ބަލަނީ ޡަންނީ ގޮތުންނާއި މަޖާޒީ ގޮތުންނެވެ. ނަމަވެސް، ޑީއެންއޭއަށް ބުރަދަން ދިނުން އެއީ، ޢައުރަތައް ފާޅުކުރުމެއް ނެތި، އަދި ލޯތަކަށް ވަންހަނާވާން ޖެހޭ ޢަމަލު ފާޅުކުރުމެއް ނެތި، ރަސޫލު ﷲ ﷺ ގެ ބަސްފުޅުގައިވާ ”ފިރާޝް“ އޭގެ ޙަޤީޤީ މާނައިގައި ތަފްސީރުކުރުމެވެ.