އަލްޤާޟީ އަބޫ ލައިލާއަކީ އަބޫ ޢަބްދުއްރަޙްމާނު ބިން އަބީ ލައިލާ ޔަސާރު ބިން ބިލާލު ބިން ބުލައިލު ބުނުލް ޙައްލާޖު ބިނުލް ޙަރީޝް ބިން ޢައުފު ބިން ޢަމްރުލް އައުސީ އަލްއަންޞާރީއެވެ. އެކަލޭގެފާނު ރައްކައުވީ ހިޖްރައިން 76ވަނަ އަހަރު ކޫފާގައެވެ. އެކަލޭގެފާނު ވަރަށް ތުއްޕުޅުއިރު ބަފައިކަލުން އަވަހާރަވެއްޖެއެވެ. އަބޫ ލައިލާ ޢިލްމު އުނގެނިވަޑައިގަތީ ކޫފާގެ ޢިލްމުވެރީންގެ އަރިހުންނެވެ. އެކަލޭގެފާނު ކޫފާގެ ޤާޟީކަމަށް އިސްކުރެވުނީ އުމަވީންގެ ޚިލާފަތުގައެވެ. އަބޫ ލައިލާ އަވަހާރަވީ 148ވަނަ އަހަރުގެ ރަމަޟާން މަހުގައެވެ. އެކަލޭގެފަނު ޤާޟީކަމުގައި 33 އަހަރު ހުންނެވިއެވެ. އެކަލޭގެފާނު ފަރާއިޟު ޢިލްމުގައި ފޮތެއް ލިޔުއްވިއެވެ.
ބުނެވޭގޮތުގައި ޤާޟީ އަބޫ ލައިލާގެ އަރިހަށް ދެ އަންހެނަކު މަސްއަލައެއްގައި ދިޔައެވެ. މި ދެ އަންހެނުން ވެސް ތިބީ މޫނުބުރުގާ އަޅައިގެންނެވެ. އޭގެތެރެއިން އެކަކު ދެންނެވިއެވެ. ޢިއްޒަތްތެރި ޤާޟީއޭވެ! އަޅުގަނޑު އުޅެނީ ވަރަށް ކުޑަކުޑަ ކޮޓަރިއެއްގައެވެ. އަޅުގަނޑު ބުރުގާ ނަގަން ހުއްދަ ދެއްވާނުތޯއެވެ؟ ދެވަނަ އަންހެނާ ބުންޏެވެ. ޢިއްޒަތްތެރި ޤާޟީއޭވެ! އޭނާ އެ ހަދަނީ ދޮގެކެވެ. އޭނާގެ ބަސް ޤަބޫލު ނުކުރައްވާށެވެ! އޭނާއަކީ ވަރަށް ރީތި އަންހެނެކެވެ. އޭނާ މޫނު ހާމަކޮށްފިނަމަ މި ޤާޟިއްޔާގައި ކަލޭގެފާނު އޭނާގެ އަތަށް ލެނބިވަޑައިގެންފާނެއެވެ. ޝަރީޢަތުގެ މަޖިލީހަށް އަންނަ މީހުންނަކީ ކޮން ބައެއްކަން ދެނެގަތުމަށް ޓަކައި އެމީހުންގެ މޫނު ބެލުމުގެ ހުއްދަ ޤާޟީއަށް ލިބިގެންވެއެވެ.
ޤާޟީ ވިދާޅުވިއެވެ. ތިޔަ ދެމީހުންގެ ތެރެއިން އިސްވެ ފަށާނީ ކާކު ހެއްޔެވެ؟ އޭގެތެރެއިން އެކަކު އަނެކަކާ ދިމާއަށް ތިބާ ފަށާށޭ ބުންޏެވެ. އެހިނދު އޭގެތެރެއިން އެކަކު ވާހަކަ ދައްކަން ފެށިއެވެ.އޭނާ ބުންޏެވެ: އަޅުގަނޑުގެ ބައްޕަ ވަނީ ނިޔާވެފައެވެ. މި ހުރީ އަޅުގަނޑުގެ ބަފައިފުށުގެ ބޮޑުދައިތައެވެ. އަޅުގަނޑު ބަލައި ބޮޑު ކުރީ އޭނާއެވެ. މިހެންވެ އަޅުގަނޑު އޭނާއަށް މަންމަ ކިޔަމެވެ. ޤާޟީ ވިދާޅުވިއެވެ. ދެން ވީ ކިހިނެއް ހެއްޔެވެ؟ އެ އަންހެނާ ބުންޏެވެ. އަޅުގަނޑު ބޮޑުވުމުން އަޅުގަނޑުގެ ބަފައިފުށުގެ ބޮޑުބޭބެއެއްގެ ދަރިއަކު ގެނެސް އަޅުގަނޑާ ދެވައިފިއެވެ. އަޅުގަނޑުމެން އެކުގައި ތިން އަހަރު ވަންދެން ވަރަށް ރީތިކޮށް އުޅެމުންދާ ތަން ބޮޑުދައިތައަށް ފެނުމުން ބޮޑުދައިތަގެ ދަރިފުޅު އަޅުގަނޑުގެ ފިރިމީހާއާ ދެވަން ބޭނުންވެއްޖެއެވެ. އެ ކުއްޖާ ރީތިކޮށް ނަލަހައްދައިގެން ގެނެސް އަޅުގަނޑުގެ ފިރިމީހާއަށް ދެއްކުމުން އަޅުގަނޑުގެ ފިރިމީހާ އެ ކުއްޖާއާ އިންނަން ބޭނުންވެއްޖެއެވެ. އެހިނދު މި އަންހެނާ ބުންޏެވެ. އެ ކުއްޖާއާ އިނދެވޭނީ ޝަރްޠެއްގެ މަތިންނެވެ. އެއީ ތިބާގެ މިހާރުގެ އަނބިމީހާގެ ކަންތައް މަށާ ޙަވާލު ކުރުމުންނެވެ. އަޅުގަނޑުގެ ފިރިމީހާ މި ޝަރްޠު ޤަބޫލުކޮށް އެ ކުއްޖާއާ ކާވެނިކޮށްފިއެވެ. އެހިނދު މި ބޮޑުދައިތަ އަޅުގަނޑު ގާތަށް އައިސް ބުންޏެވެ. ކަލޭގެ ފިރިމީހާ މަގޭ ދަރިފުޅާ އިނީ ކަލޭގެ ކަންތައް މަށާ ޙަވާލުކޮށްފައެވެ. އަހުރެން އެ ޝަރްޠާ އެއްގޮތަށް ކަލޭ ވަރިކޮށްފީމެވެ. ދުވަސްކޮޅެއް ފަހުން އަޅުގަނޑުގެ މި ބޮޑުދައިތަގެ ފިރިމީހާ ދިގު ދަތުރެއްކޮށްފައި ގެއަށް އަތުވެއްޖެއެވެ. އޭނާ އަޅުގަނޑާ ކާވެނި ކުރަން އެދުނެވެ. އަޅުގަނޑު ބުނީމެވެ. ކަލެއާ މަ އިންނާނީ ކަލޭގެ އަނބިމީހާ ( އަޅުގަނޑުގެ މި ބޮޑުދައިތަ) ގެ ކަންތައް މަށާ ޙަވާލު ކުރުމުންނެވެ. އެ ޝަރްޠުގެ މަތިން އޭނާ އަޅުގަނޑާ ކާވެނިކުރަން ނިންމުމުން ބޮޑުދައިތައާ ދިމާއަށް އަޅުގަނޑު ބުނީމެވެ. ކަލޭގެ ފިރިމީހާ މަގޭ ފިރިއަކަށް ވާން އެދޭތީ ކަލޭގެ ކަންތައް ވަނީ މަށާ ޙަވާލުކޮށްފައެވެ. އަހުރެން ކަލޭ ވަރިކޮށްފީމެވެ. މި ވާހަކަތައް އިވިވަޑައިގަތުމުން ޤާޟީ މި ހިނގި ކަންތަކުގެ ބޮޑުކަމާމެދު ވިސްނަވަން ފެއްޓެވިއެވެ. ދުވަސްކޮޅަކަށްފަހު އަޅުގަނޑުގެ ފިރިމީހާ (ބޮޑުދައިތަގެ ކުރީގެ ފިރިމީހާ ) ނިޔާވެއްޖެއެވެ. އެހިނދު ތަރިކައިގެ މަސްއަލައިގައި ބޮޑު ދައިތައާއި ބޮޑުދައިތަގެ އަޚުގެ އަންހެން ދަރި އަރާރުންވާން ފެށިއެވެ. ބޮޑުދައިތަގެ އަޚުގެ އަންހެންދަރި ބުންޏެވެ.މިއީ އަހުރެންގެ ފިރިމީހާއެވެ. ތިބާއާ އޭނާގެ ތަރިކައާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ދުވަސްތަކެއް ފަހުން ބޮޑުދައިތައާއި ބޮޑުދައިތަގެ އަޚުގެ އަންހެން ދަރިއާއި އޭނާ ވަރިކުރި މީހާއާ ބައްދަލުވިއެވެ. އެ ފިރިހެނާއަށް މި އަންހެނާ ފެނުމުން އެކީގައި އުޅުނު ދުވަސްތައް މަތިން ހަނދާންވެ އޭނާއާ އިންނަން ބޭނުންވެއްޖެއެވެ. އޭނާ ބުންޏެވެ. އަހުރެން ކަލެއާ އިންނާނީ ކަލޭގެ އަނބިމީހާގެ ކަންތައް މަށާ ޙަވާލު ކުރާ މަތިންނެވެ. މި ގޮތަށް ކާވެނި ކުރުމުން އަހުރެން ބޮޑުދައިތަގެ ދަރިފުޅާ ދިމާއަށް ބުނީމެވެ. ކަލޭ ތިޔަ އިނީ ވަރިކޮށްފައެވެ. އެހިނދު އަބޫ ލައިލާ އިސްތަށިފުޅުމަތީގައި އަތްޕުޅު އެޅުއްވިއެވެ. ޤާޟި ވިދާޅުވިއެވެ. ސުވާލަކީ ކޮބައިހެއްޔެވެ؟ އެހިނދު ބޮޑުދައިތަ ބުންޏެވެ. އަޅުގަނޑާ އަޅުގަނޑުގެ އަންހެންދަރި ވަރިކޮށް މި އަންހެނާ ތަރިކައާއި އަޅުގަނޑުގެ ދަރިފުޅުގެ ފިރިމީހާ ނެގުން ޙަރާންވެގެން ނުވޭތޯއެވެ؟ އަބޫ ލައިލާ ވިދާޅުވިއެވެ. މާތްﷲ ގަންދީ ބުނަމެވެ. ތިޔަ ކަމުގައި އެއްވެސް ޙަރާންކަމެއް އޮތް ތަނެއް މަށަކަށް ނުފެނެއެވެ. ފިރިހެނަކު ދެ ފަހަރަށް ކާވެނިކުރުމާއި ވަރިކުރުމާއި ދިނުމާއި ވަކާލަތުގައި އޮތީ ކޮން ޙަރާންކަމެއް ހެއްޔެވެ؟
ޤާޟީ އަބޫ ލައިލާ ޚަލީފާ މަންޞޫރުގެ އަރިހަށް ވަޑައިގެން މި ވާހަކަ ދެންނެވުމުން ވަރަށް ބޮޑަށް ހިނިފުޅު ވެޑުވިއެވެ. ޚަލީފާ މަންޞޫރު ވިދާޅުވިއެވެ. އެ މުސްކުޅި އަންހެނާއަށް ލަޢުނަތް ލައްވާށިއެވެ! މީހަކު ވައްޓައިލަން ވަޅުގަނޑެއް ކޮނުމީހާ ވެއްޓޭނީ އެ ވަޅުގަނޑަށެވެ. މި އަންހެނާ ވެއްޓުނީ ކަނޑަށެވެ.