ފަތްކޭލުގެ ދަނޑުވެރިކަމަކީ ބޯދާ ދުވަސްވީ ދަނޑުވެރިކަމެކެވެ. ފަތްކޭލުގެ ދަނޑުވެރިކަމަކީ މޫސުމީ ދަނޑުވެރިކަމެއް ނޫނެވެ. ފަތްކޭލުގެ 500 އަށްވުރެ ގިނަވައްތަރުވެ އެވެ. ފަތްކޭލުގެ ދަނޑުވެރިކަމަކީ އަހަރުގެ ހުރިހާ މޫސުމެއްގައި ވެސް ކުރެވޭ އަދި މޭވާ ލިބޭ ފައިދާހުރި ދަނޑުވެރިކަމެކެވެ. އިންޑިއާގައި 4000 އަހަރުކުރިން ވެސް ފަތްކޭލުގެ ދަނޑުވެރިކަން ކުރާކަމަށް ވެ އެވެ. މިހާރުވެސް އެންމެ ގިނައިން ފަތްކެޔޮ ހައްދާ ޤައުމަކީ އިންޑިއާ އެވެ.
ދިވެހިންކޮށްއުޅޭ ދަނޑުވެރިކަމުގެ ތެރޭގައި ފަތްކޭލުގެ ދަނޑުވެރިކަމަކީ ދުވަސްވީ ދަނޑުވެރިކަމެކެވެ. ކުރީ ޒަމާނުގައި ވިޔަފާރިކަމު ރާއްޖެ އަންނަ ބޭރުގެ ނައުނައުފަހަރު ދޮށަށް ދިވެހިން ހަދިޔާހިފައިގެން ދާވާހަކައާއި މިހެންދާ ދިއުމުގައި ހަދިޔާގެ ގޮތުގައި ކުރުނބާއާއި ދޮންކޭލާއި ކުކުޅުހާ ގެންދާ ވާހަކައަކީ ދިވެހި ތާރީޚުން ފެންނަން ހުރި ވާހަކަތަކެކެވެ. ދިވެހިން ތެރޭގައި ފަތްކޭލުގެ މާގިނަވައްތަރުތަކެއް ހެއްދިކަން އެނގެން ނެތްނަމަ ވެސް މިހާރު ވެސް ތިންހަތަރު، ފަސްހަބާވަތެއްގެ ފަތްކޭލުގެ ދަނޑުވެރިކަން ރާއްޖޭގައި ކުރެ އެވެ.
ފަތްކޭލުގެ ބާވަތްތަކުތެރެއިން އިންސާނުންނަށް އެންމެ ފުރަތަމަ އެނގިދެނިވި ބާވަތެއްކަމުގައި ބުނެވެނީ، އިނގިރޭސިބަހުން ”ޕްލާންޓެއިން“ plaintain ކިޔާބާވަތުގެ ފަތްކޭލެވެ. މއީ މާޅޮސް ކޭލެވެ. މާޅޮސްކޭލަށް އުތުރުގެ ބައެއް ރަށްފުށުމީހުން ކަޅުކެޔޮ ވެސް ކިޔަ އެވެ. މާޅޮސްކޭލުގެ އިތުރުން ހަޑިކެޔޮ ނުވަތަ ފުސްކެޔޮ، ސަންފާކޭލާއި ރަތްކެޔޮ އަދި ބޮންތިރަތްކޭލާއި އާނަމާލޫ ކޭލުގެ ދަނޑުވެރިކަން ދިވެހިން ކުރެ އެވެ.
ފަތްކޭލުގެ ދަނޑުވެރިކަމަކީ ބޮޑެތި ދަނޑުތައް ނަގައިގެން ކުރުމުގެ އިތުރުން ގޭގޭގެ މެދުގޯތިތެރެއިން ލިބޭ ހުސްތަންކޮޅުގައިވެސް ދިވެހިންކޮށް އުޅުނު ދަނޑުވެރިކަމެކެވެ. މި އަދު މާލެއިން މިފަދަ މަންޒަރެއް ފެންނާނެކަމުގެ ޔަގީންކަމެއް ނެތެވެ. އެހެންނަމަވެސް އަދިވެސް ރާއްޖެތެރޭގެ ބައެއް ރަށްރަށުން މި މަންޒަރުފެނެ އެވެ.
ފަތްކޭލުން އިންސާނާގެ ސިކުނޑިއަށް ފައިދާކުރުވަނިވި އަސަރުތަކެއް ފޯރުކޮށްދެ އެވެ. ފަތްކޭލުގައި އާފަލަށްވުރެ ހަތަރު ގުނަ ޕްރޮޓިން ދެ ގުނަ ކާބޯހައިޑްރޭޓް ތިން ގުނަ ފޮސްފަރަސް ފަސް ގުނަ ވިޓަމިން އޭ އަދި އަޔަން އާއި އަދި ދެ ގުނަ އެހެނިހެން ވިޓަމިންސް އާއި މިނަރަލްސް އެކުލެވިގެން ވެ އެވެ. މިހެންވުމުން ފަތްކެޔޮ ހިމެނެނީ ކަނާގެ ބާވަތް ތަކުތެރެއިން ބެސްޓް ވެލިއުޑް ފުޑް ”އެންމެ ރަނގަޅު ކާނާގެ ބާވަތް“ ގެ ގޮތުގަ އެވެ.
ދޮންކޭލު (banana) ގައި ހުންނަ ހަކުރުގައި، ފަސޭހަކަމާއެކު ވަގުތުން ހަށިގަނޑަށް ބޭނުންކުރެވޭ ވިޓަމިންސް އާއި މިނަރަލް އެކުލެވިފަވެ އެވެ. ދޮންކޭލަކީ ފައިބަރ ގިނަ މޭވާއެކެވެ. ދޮންކޭލަކީ ޒުވާން ކުދިންނަށާއި ކުޑަކުދިންނަށް ކާން ދޭންރަނގަޅު ކާނާއެކެވެ. ދޮންކޭލަކީ ސަރުބީ (fat) މަދު ހައިކަން ފިލުވާދޭ ކާނާއެކެވެ.
ދޮންކޭލަކީ ގޮހޮރުގެ މައްސަލަތައް މެދުވެރިވެފައިވާ މީހުންނަށާއި ގިނަ ދުވަހު ބަލިވެ އުޅެ ގަދަވަމުން އަންނަ މީހުނަށް ދޭން ރަނގަޅު، މަޑު، މޭވާއެކެވެ. ދޮންކޭލުން ގޮހޮރުގައި ހުންނަ ނެޗްރަލް އެސިޑޯފްލަސް ބެކްޓޭރިއާ ( natural acidophilus bacteria) އަށް ބޭނުންވާ ކާނާ ލިބެ އެވެ. އަދި ދޮންކޭލުގައި އެކުލެވިފައިވާ ޕޮޓޭސިއަމް އިން މަސްކިއުލަރ ސިސްޓަމް (muscular system) އަށް އެހީތެރިކަން ލިބެ އެވެ.
ދޮންކޭލަކީ ހަކަތަ އުފައްދާ ވަރުޖައްސާ މޭވާއެކެވެ. ކޭލުގައި ނެޗްރަލް ޝުގަރ ގެ ތިންބާވަތެއް ހުރެ އެވެ. އެއީ، ސަކްރޯޒް sucrose އާއި ފްރަކްޓޯޒް fructose އަދި ގުލްކޯޒް glucose އެވެ. ދިރާސާތަކުން ދައްކާގޮތުގައި ދެވައް ކޭލުން 90 މިނެއްޓް ބުރަކޮށް މަސައްކަތްކުރާހާ ޖިސްމާނީ އަދި ނަފުސާނީ ހަކަތަ އުފައްދަ އެވެ. ދުނިޔޭގެ މަޝްހޫރު އެތުލީޓުންގެ ކުރިމަތީގައި ދޮންކޭލަކީ އެހާ މަގުބޫލު މޭވާއަކަށް ވެފައިވަނީ މި ދެންނެވި ސަބަބަށްޓަކަ އެވެ.
ދުޅަހެޔޮކޮށް ތިބުމަށް ދޮންކޭލުން އެހީތެރިވަނީ ހަމައެކަނި ހަކަތަ އުފައްދާ ދިނުމަކުން ނޫނެވެ. ދޮންކެޔޮ، ގިނަ ބަލިތަކުން ހަށިގަނޑު ދިފާޢުކޮށްދެ އެވެ. ދޮންކޭލަކީ ކޮންމެ ވަގުތެއްގެ ކެއުމުގައި ވެސް ހިމަނަން ޖެހޭ ކާނާއެކެވެ.
ދޮންކޭލަކީ ވިޓަމިން ބީ މުއްސަނދި މޭވާއެކެވެ. ނާރުތަކުގެ ނިޒާމް ސުލްޙަކުރުވައި، ހަމަޖައްސާ ދެ އެވެ.
އަންހެނުންނަށް ޚާއްޞަ ބައްޔެއް ކަމުގައިވާ ޕްރީމެންސްޓްރަލް ސިންޑްރޯމް pre-menstrual syndrome (PMS) އަށް ދޮންކެޔޮ ކެއުމުން ފަރުވާލިބެ އެވެ. ދޮންކޭލުގައ ވިޓަމިން 6 B އެކުލެވިފަ ވެ އެވެ.
އެނެމިއާ anemia އަށް އަޔަން iron މުއްސަނދި ދޮންކޭލުން ލޭ އުފެއްދުމުގައި އެހީތެރިވެދެ އެވެ.
ޑިޕްރެސް depress (މާޔޫސް) ވެފައި ތިބޭމީހުންގެ މެދުގައި ކުރެވުނު ސިކުނޑީގެ ސާރވޭ އަކުން ދައްކާގޮތުން ދޮންކެޔޮ ކެއުމުން ގިނަމީހުން ވަރަށް ބޮޑަށް ރަނގަޅު ވެ އެވެ. ދޮންކޭލުން ހަށިގަނޑަށް އުފަލާއި އަރާމު ލިއްބައިދެ އެވެ.
ދޮންކޭލުން ސްޓްރެސް stress މީހުންގެ ހިތުގެ ވިންދު ހަމައަށް އަޅުވައި ސިކުނޑިއަށް އޮކްސިޖަން ފޮނުވައިދީ ހަށިގަނޑުގައި ފެންބެލެންސްކޮށް ހިފަހައްޓައިދެ އެވެ.
ދޮންކޭލަކީ އާދައާ ޚިލާފަށް ޕޮޓޭސިއަމް potassium މުއްސަދި ލޮނު salt މަދު، blood pressure ބްލެޑް ޕްރެޝަރ އާއި ސްޓްރޯކް stroke ގެ ނުރައްކާތެރިކަން ކުޑަކުރުމުގެ ޤާބިލިއްޔަތު ލިބިފައިވާ މޭވާއެކެވެ.
ހޭންގްއޯވަރސް hangovers ޖެހިފައިވާ މީހަކު ފަސޭހަކުރުމަށް އެންމެ އަވަސް ފަރުވާއެއް ދެވޭނެގޮތަކީ އެމީހަކަށް މާމުއިން ފޮނިކޮށްފައިވާ ބަނާނާ މިލްކް ޝޭކެއް ދިނުމެވެ. (ހޭންގްއޯވަރސް ބައްޔަކީ، އާދައާ ޚިލާފު ގިނައިން އަލްކޮހޮލް ބުއިމުންޖެހޭ ބައްޔެކެވެ.)
ކެއުމުގެ ކުރިން ދޮންކެޔޮ ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުކޮށް ދިނުމަށް އެހީތެރިވެ ދޭނެ އެވެ. ނަތީޖާގެ ގޮތުން މޯނިންގ ސިކްނެސް morning sickness ގެ ފުރުޞަތު ކުޑަވެގެން ދެ އެވެ.
މަދިރި ހެފުމުން ފިތްނަގާ ހިރުވާ ތަންތަނަށް ފަރުވާ ދިނުމަށް އިންސެކްޓް ބައިޓް ކްރީމް ހޯދުމަށް ބޭކާރު ޚަރަދުނުކުރާށެވެ.
ދޮންކޭލުގެތޮށިގަނޑުގެ އެތެރެފަރާތް (ފުށް ފަރާތް) މަދިރި ހަފައިގެން ފިތްނަގާ ރަތްވެފައިވާ ތަނުގައި ހާކާލާށެވެ. ވަރަށް ގިނަމީހުންގެ ކިބައިން ޙައިރާން ވާފަދަ ނަތީޖާ ފެންނާނެ އެވެ. އިސާހިތަކު ހިރުވުން ފިލައި ފިތްގަނޑު ތިރިވެ އޮބިދާނެ އެވެ.
ޓުވިކެންހެމް (މިޑްލެކްސް) ސްކޫލް އިންގްލެންޑް Twickenham (Middlesex) school (England) ގެ 200 ކުދިންނަށް ހެނދުނުގެ ނާސްތަގައާއި ހުސް ވަގުތު އަދި މެންދުރު ކެއުމުގެ ގަޑީގައި ދޮންކެޔޮ ކާންދީގެން ކުރެވުނު ދިރާސާއިން ދެއްކިގޮތުގައި ޕޮޓޭސިއަމް އެކުލެވިފައިވާ މޭވާ ކާންދިނުމުން ކުދިންގެ ވިސްނުން ތޫނުވެ ދަސްކުރުމުގެ ގާބިލުކަން އިތުރުވާކަން ސާބިތުވި އެވެ.
ފަތްކެޔޮ ހިމެނޭގޮތުން ފައިބަރ މުއްސަދި ކާނާއިން ގޮހޮރުގެ ޙާލަތު އާދައިގެ ޙާލަތައް ގެނެސް ބޮޑުކަމު ދިއުމުގައި ފަސޭހަވެގެން ދެ އެވެ.
ދޮންކޭލަކީ، އޭގައި ހުންނަ ހިމުން، ފުށުގެ އެހީން، ނުވަތަ އޭގައިވާ މަޑުކަމުން، ގޮހޮރުގައި ފާރު (އަލްސަރސް ulcers) ހުންނަ މީހުންގެ މައްސަލަތަކަށް ހައްލުގެނެސްދޭ މޭވާއެކެވެ. ދޮންކޭލަކީ މި ބަލީގައި ގިނަދުވަސްވީ މީހުންނަށް ވެސް މާބޮޑުވޭނަކާ ނުލައި ކެވޭ މޭވާއެކެވެ. ދޮންކޭލުން މަޢިދާގެ އެތެރެފަރާތުގައި ރައްކައުތެރިކަމުގެ ފަށަލައެއްލެވި އެސިޑް ނިއުޓަރަލައިޒްކޮށް ބަނޑުގައި އަޅާވޭން ކުޑަކުރެ އެވެ.
ބައެއް ސަގާފަތްތަކުގެ މީހުން ގަބޫލުކުރާގޮތުގައި ކޭލަކީ ”ފިނިކުރާ“ މޭވާއެކެވެ. މާބަނޑު އަންހެނުން ދޮންކެޔޮ ކެއުމުން އެ ކަނބަލުންގެ ނަފުސާނީ، ޖިސްމާނީ ޓެމްޕަރޭޗަރ ދަށަށް ދެ އެވެ. އެ ކަނބަލުންނަށް ލިބޭ ކުދިންނަކީ މަޑުމައިތިރި މިޒާޖުގެކުދިންނަށް ވާނެކަމުގައި ގަބޫލުކުރެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން (ސީޒަނަލް އެފެކްޓިވް ޑިސްއޯޑަރ (SAD) seasonal affective disorder) ބަލިވާ މީހުނަށް ދޮންކޭލުން ފަރުވާލިބެ އެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރަށްދާންބޭނުންވާމީހުނަށް ދޮންކޭލުން ފަރުވާލިބިގަނެވެ އެވެ.
ނިވް އިންގްލެންޑް ޖާރނަލް އޮފް މެޑިސިން އިން ކުރި ދިރާސާއަކުން ދައްކާގޮތުން، އާންމުކޮށް ކާ ކާނާގެ ބައެއްގެ ގޮތުގައި ދޮންކެޔޮ ކެއުމުން ސުޓްރޯކް strokes ޖެހިގެން މަރުވުމުގެ ނުރައްކާ %40 ކުޑަ އެވެ.
އެސްވަޅު (ވާރޓްސް warts) މަރާލުމަށް ދޮންކޭލުގެ ތޮށިކޮޅެއް ހިލަފުށް ބޭރަށްވާގޮތަށް އެސްވަޅުމަތީ ބާއްވައިފައި އޭގެމަތިން މަލަންތަތްކޮށް ނުވަތަ ބެންޑޭޖް ކުރާށެވެ.
މޭ އަންދާ (ހާރޓް ބާރން heart burn) މީހުން ދޮންކެޔޮ ކެއުމުން އެކަމަށް ލުއިވެ އެވެ.
އޮސްޓްރޭލިއާގެ ސައިކޮލެޖީ އިންސްޓިޓިއުޓް އިން 5000 ހޮސްޕިޓަލުގައި ތިބި ބަލިމީހުން ބޭނުންކޮށްގެން ކުރި ދިރާސާއަކުން ދައްކާގޮތުގައި އާދަޔާ ޚިލާފަށް ފަލަވެފައި ތިބިމީހުންނަކީ ހައި ޕްރެޝަރ ގައި ވަޒީފާ އަދާކޮށް މަސައްކަތުގެ ވަރުބަލިކަމާއި ޕްރެޝަރ ރިލީޒް ކޮށްލުމަށް ޗިޕްސް އާއި ޗޮކްލެޓް ފަދަ ކާނާ ކާމީހުންނެވެ. މި މީހުން ކެއުމަށް ހުންނަ ދަހިކަން ކަނޑުވާލާ ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ކޮންމެ ދެ ގަޑިއަކުން އެއްފަހަރު ކާރބޯހައިޑްރޭޓް އެކުލެވޭ ކާނާ ކާންޖެހެނެ އެވެ. މިކަމަށްޓަކައި ދޮންކޭލަކީ އެންމެ ރަނގަޅު ކަނާ އެވެ.
ދިވެހި ބޭސްވެރިން ފަތްކޭލުގެ ތެރެއިން ބޮންތިރަތްކޭލުގެ ގަހުގެ ކިހައްޑިޔަ ނަގައިގެން ކުޑަކުދިން ފަނިވުމުން ފަރުވާކުރެ އެވެ. މާޅޮސްކެޔޮ ބޭނުންކޮށްގެން ޚިލޭސްމެއަށް ދިވެހިން ފަރުވާކޮށްއުޅުނެވެ. ބޭސްވެރިކަމުގައި މި ނޫން ވެސް ކިތަންމެ ކިތަންމެ ބޭނުމެއް ފަތްކޭލުން ދިވެހިން ހިފައި އުޅުނެވެ. ފަތްކޭލުގެ ބޯށްޓަކީ ދިވެހިން ތަފާތު ބާވަތް ބާވަތުގެ ކާނާ ހަދައިގެން މިހާރު ވެސް ކައިއުޅޭ އެއްޗެކެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ތަދު ދުވަސްވަރު ފަތްކެޔޮގަހުގެ ދަޅިގަނޑުގައި ތަފާތުކާނާހަދައިގެން ކައިއުޅުނުކަމަށް މީހުން ބުނެއުޅެވެ. ދާދި މި ދާކަށް ދުވަހާ ޖެހެންދެން ފަތްކެޔޮގަހަކީ ތުއްތުކުދިންނާއި ކުޑަކުދިން ނިޔާވުމުން އެކުދިންގެ ސަންދޯއް ހެދުމަށް ދިވެހިން ބޭނުންކުރަމުން އައި ގަހެކެވެ. މާލޭގައި ގެރި ބަކަރި ގެންގުޅުނު ދުވަސްވަރު ފަތްކެޔޮގަހަކީ އެސޮރުމެންނަށް ކާންދޭ މައިގަނޑު ކާނާގެ ތެރެއިން އެއްބާވަތެވެ.
އެއްރާތާ ދޮންކޭލުގައި ހިމެނޭ ނިއުޓިރިޝަން.
ކެލޮރީޒް calories 299 އަޔަން Iron 1.8 މ.ގ.
ޕްރޮޓީން protein 3.6 ގ. ވިޓަމިން އޭ Vitamin A 1300 I. U.
ފެޓް Fat 0.6 ގ. ތިއަމައިން Thiamine 0.27 މ.ގ.
ކާރބޯރހައިޑްރޭޓްސް Carbohydrates 69.9 ގ. ރައިބޯފްލޭވިން Riboflavin 0.19 މ.ގ.
ކެލްސިއަމް Calcium 24 މ.ގ. ނައިއެސިން Niacin 1.7 މ.ގ.
ފޮސްފަރަސް Phosphorus 85 މ.ގ. އެސްކޯރބިކް އެސިޑް Ascorbic acid 29 މ.ގ.
މިހުރިހާ ކަމަކަށް ދެވޭ ފަރުވާއަކަށް ފަތްކެޔޮ (ދޮންކެޔޮ) ހިމެނިފައިވުމާއި އެކުވެސް އެއަށް ބޯނަސް ޕޮއިންޓް ދޭންޖެހޭ ވަރަށް މުހިންމު އެހެން ސަބަބެއް ވެސް ވެއެވެ. އެއީ، ތިބޭފުޅުންގެ ބޫޓު ޕޮލިސްކުރެއްވުމަށްޓަކައި ދޮންކޭލު ތޮށި ބޭނުންކުރެއްވޭ ކަމެވެ. ކެޔޮވަކުގެ ތޮށިގަނޑުގެ އެތެރެފުށް ނަންގަވާށެވެ. ބޫޓުގައި ނުވަތަ ފައިވާންޖޯޑުގައި ރަނގަޅަށް އުނގުޅުއްވާށެވެ. ޕޮލިސްކުރުން ނިންމަވާލައްވާނީ ސާފު ހިކިފޮތިކޮޅަކުން ބޫޓު ނުވަތަ ފައިވާންޖޯޑު ރަނގަޅަށް ފޮހެ ސާފުކުރެއްވުމަށް ފަހުގަ އެވެ. މިހާރު ތިޔަ ބޭފުޅާ ޕޮލިސްކުރެއްވި ފައިވާން ޖޯޑަށް ނުވަތަ ބޫޓަށް އޮފު އަރައިފި ދޮގެއްތޯ އެވެ؟